...

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އޭސީސިއިން އާންމުކޮށްފި

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާއެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށް އެ ދިރާސާގެ ރިޕޯޓު އާންމުކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ކުޅިވަރު ޖަމުޢިއްޔާ ޖަމާޢަތްތަކުން ފައިސާ އަދި ފަންޑު ހޯދާ ގޮތާއި، މުދަލާއި ފައިސާ ބަލަހައްޓައި ޚަރަދުކުރާގޮތް ބެލުމާއި، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ޤާނޫނީ އަދި މުއައްސަސީ އޮނިގަނޑު އެކުލެވިފައިވާ ގޮތް ދެނެގަނެ އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށާއި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމެވެ.

މި ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މާލީ ނިޒާމާގުޅޭގޮތުން ލިބެންހުރި ލިޔެކިޔުންތައް މުރާޖަޢާކުރުމުގެ އިތުރުން، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ކަމާބެހޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދިފައިވެއެވެ. މިދިރާސާގެ ނަތީޖާގައި މާލީ ޖަވާބުދާރީކުރުވުން ހީނަރުވުމާއި ކްލަބް ޖަމުޢިއްޔާތަކުގެ ދަށުން ހިންގާ އެކަޑަމީތައް ރެގިއުލޭޓް ނުކުރެވުމުގެ މައްސަލައާއި ނުފޫޒު ފޯރުވުމާއި މަސްލަހަތު ފުށުއެރުން އަދި ގަވަރނަންސް ހަރުދަނާ ނުވުމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ހިރާސްތަކަށް އަލިއަޅުވާލައި އެމައްސަލަތައް އިސްލާޙް ކުރުމަށް 18 ލަފާ ހިމަނާފައިވެއެވެ. މިގޮތުން ފާހަގަކުރެވޭ މައިގަނޑު ލަފާތަކުގެ ތެރޭގައި:

މާލީ ޖަވާބުދާރީވުން ހަރުދަނާކުރުމުގެ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ އެންމެހާ އާމްދަނީއާއި ކުރާ ޚަރަދުތައް ހާމަކުރުން ޤާނޫނުން ލާޒިމްކުރުމަށާއި، ހަރުދަނާ ފައިނޭންޝަލް ރިޕޯޓިންގ ފްރޭމްވަރކެއް އެކުލަވާލުމަށް ވާނީ ލަފާދީފައެވެ. އަދި ޤަވާޢިދުން މިނިވަން މާލީ އޮޑިޓްތައް ހެދުމާއި، ވެރިންނާއި ހިރާސް ބޮޑު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ މާލީ ބަޔާން ވެބްސައިޓުގައި ޝާއިޢުކުރުން ލާޒިމްކުރުން ހިމެނެއެވެ. މީގެއިތުރުން، އެކަޑަމީތަކުގެ ފެންވަރާއި، ކޯޗުންގެ ޝަރުތުތަކާއި ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި، ކުޅިވަރާބެހޭ ވުޒާރާއިން ޕީރިއޮޑިކް އިންސްޕެކްޝަންތައް ހިންގުމަށްވެސް ވަނީ ހުށަހަޅާފައެވެ.

އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، މަޤާމުތަކަށް ނަޒާހަތްތެރި އަދި ޤާބިލް ފަރާތްތައް އައްޔަންކުރުމަށާއި، ޝަކުވާ ހުށަހަޅައި ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުމަށް ރިޕޯޓުގައި ބާރުއަޅާފައިވާނެއެވެ. ހަމައެއާއެކު، ދަނޑުތަކުން ލިބެންޖެހޭ ފައިސާގެ އޮޑިޓެއް ހެދުމާއި، ސްކޮލަރޝިޕް ދިނުމާއި ޕްރޮކިއުމަންޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ގެންދިއުމަށްވެސް ލަފާދީފައިވާނެއެވެ. އަދި ކުޅިވަރާބެހޭ ޤާނޫނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، މަސްއޫލިއްޔަތުތަކާ ގުޅިގެން ޕަރފޯމަންސް އޮޑިޓް ފުރިހަމަކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

 ' ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުން' މި ދިރާސާގެ ރިޕޯޓް ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާނެއެވެ. މި ދިރާސާއާ ގުޅޭއިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، research@acc.gov.mv/3015230 އަށް ގުޅުއްވުން އެދެމެވެ.