ހއ.ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދިން މައްސަލައިގައި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފި
8 ޖުލައި 2026
ހއ.ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް ހއ.ހޯރަފުށީ ކައުންސިލުންދިން މައްސަލަ ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ބަލައިގަނެފިއެވެ. މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހއ.ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދު އާއި، ނައިބު ރައީސް އަޙްމަދު އިމްދާޙު ގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާ ގެ މައްޗަށެވެ.
މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު) 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.