...

ގްރޭޑް 11 އަށް ގުޅުނު ދަރިވަރުންނަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން "އެކަޑެމިކް އިންޓެގްރިޓީ" ސެޝަންތަކެއް ކުރިޔަށް ގެންގޮސްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހިރާއްޖޭގެ ސްކޫލްރަކަށް އަލަށް އޭ-ލެވެލް ފެށި ދަރިވަރުންނަށް ޢިލްމީ ނަޒާހަތްތެރިކަމާ ގުޅޭ ސެޝަންތަކެއް ހިންގައިފިއެވެ. މިހާތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުގެ 33 ސްކޫލަކަށް ވަނީ މި ސެޝަން އިންތިޒާމްކޮށް ނެގިފައެވެ.

މި ސެޝަންތަކުގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި އޭގެ ނޭދެވޭ ނަތީޖާތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމެވެ. އަދި ޢިލްމްއުނގެ މާހައުލުގައި ނަޒާހަތްތެރިކަމާއި، ތެދުވެރިކަމާއި، އަދި އަހުލާގީ މިންގަނޑުތަކަށް ބޯލެނބުމުގެ މުހިންމުކަން ދަރިވަރުންނަށް އޮޅުންފިލުވައިދިނުމެވެ. މީގެ އިތުރުން، އިމްތިހާނުތަކުގައި މަކަރު ހެދުމާއި، އެހެން މީހުންގެ ފިކުރީ އުފެއްދުންތައް ނަކަލުކުރުން (ޕްލެޖިއަރިޒަމް) ފަދަ އަމަލުތަކުގެ ސަބަބުން އަމިއްލަ ކުރިއެރުމަށާއި މުޖުތަމައުގެ އިތުބާރަށް ލިބޭ ގެއްލުންތައް ދެނެގަތުމަށް މި ސެޝަންތަކުގެ އެހީގައި ދަރިވަރުންނަށް މަގުދައްކައިދެވޭނެއެވެ.

ދަރިވަރުންނާ ގާތުން ކުރިއަށްގެންދެވޭ މި މަޝްވަރާތަކާއި އަމަލީ މިސާލުތަކުގެ އެހީގައި، ޢިލްމު އުނގެނުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ނަޒާހަތްތެރިކަން އިސްކުރުމަށް ދަރިވަރުންނަށް ބާރުއެޅޭނެއެވެ. އަދި މިއީ ކުރިމަގުގެ ވަޒީފާތަކާއި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދެމިތިބުމަށް ބޭނުންވާ ރަނގަޅު އުސޫލުތައް އަށަގެންނެވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ޕްރޮގްރާމުގައި ތައުލީމީ ދާއިރާގެ ނަޒާހަތްތެރިކަމާއި، އާންމު އަދި ފަންނީ މަސައްކަތުގެ މައިދާނުގައި ހުންނަންޖެހޭ ނަޒާހަތްތެރިކަމާ ހުރި ގުޅުން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ. އޭސީސީގެ އަމާޒަކީ ކުޑައިރުއްސުރެ މިފަދަ އަގުހުރި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ރަނގަޅު އަޚްލާގެއްގެމަތީ  ސާބިތުވެ ތިބޭ، ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ޖީލެއް ބިނާކުރުމެވެ.

މި ސެޝަންތަކަކީ ޒުވާނުންގެ މެދުގައި ނަޒާހަތްތެރިކަމާއި ޒިންމާދާރުވުމުގެ ސަގާފަތް ވަރުގަދަކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އޭސީސީން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ސެޝަންތަކެކެވެ.