އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ޕޮޕިއުލަރ މޯލްޑިވްސްގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
10 މޭ 2026
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ހިންގި ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ 10 ފެބްރުވަރީ 2026 ގައެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވެއެވެ. އެގޮތުން 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ ހޯދިފައެވެ. މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވެއެވެ. އަދި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ހޯދިފައެވެ. އަދި މީގެއިތުރުން ތ.އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ވަނީ ހޯދިފައެވެ. ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ތ.އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަޙުޤީޤަށް ފާހަގަވެފައިވެއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ދަޢުވާއެވެ. އަދި ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ 150,000.00 (އެއް ލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވެއެވެ. ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތ.އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިޚްތިޔާރާއި އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ޕޮޕިއުލަރ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، ތ.އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށްވެސް ވަނީ ނިންމާފައެވެ.
މި މައްސަލައިގެ އިތުރުންވެސް އެމް.އެމް.ޕީ.އާރު.ސީ އާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މިކޮމިޝަނުން މަޝްވަރާ ކުރަމުންގެންދާކަން މަޢުލޫމާތައްޓަކައި ދެންނެވީމެވެ .