...

2026–2030 ގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ މުހިންމު ކަންތައްތަކަށް އޭސީސީގެ ރައީސް އަލިއަޅުއްވާލައްވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 5 ވަނަ ސްޓްރެޓީޖިކް ޕްލޭން (2026-2030) އިފްތިތާހުކުރުމަށް 22 އޭޕްރީލް 2026 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގައި ނަޒާހަތްތެރިކަން ވަރުގަދަކޮށް ކޮރަޕްޝަން ހުއްޓުވުމަށް ގެންގުޅުއްވާ ތަސައްވުރު ކޮމިޝަނުގެ ރައީސް އަލްއުސްތާޒު އާދަމް ޝާމިލް ހާމަކުރައްވައިފިއެވެ. މި ޕްލޭން އިފްތިތާހު ކުރެވުނީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް ރަސްމީގޮތެއްގައި ކުރަންފެށުނުތާ 35 އަހަރު ފުރުނު މުނާސަބަތާ ގުޅިގެންނެވެ.

ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅުގައި، މި ސްޓްރެޓީޖިކް ޕްލޭނަކީ މުސްތަގުބަލަށް އެކަށައެޅުނު "ރޯޑްމެޕެއް" ކަމަށް ސިފަކުރައްވައި، މީގެ ކާމިޔާބީ ބިނާވެފައިވަނީ ޕްލޭން ތަންފީޒުކުރުމާއި ޖަވާބުދާރީވުމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ދިވެހި ސަރުކާރާއި، ތަންފީޒީ އިދާރާތަކާއި، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ޔޫއެންޑީޕީ ފަދަ ބައިނަލްއަގުވާމީ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރެއްވިއެވެ.

އައު ޕްލޭނުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ކޮމިޝަނުގެ ގަވަރނަންސް އޮނިގަނޑު ވަރުގަދަކުރުމާއި އޮޕަރޭޝަނަލް ކަންކަމަށް ބަދަލުތައް ގެނައުން ހިމެނެއެވެ. މީގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ މިހާރު އުފައްދާފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގައި އަލަށް ތަޢާރަފުކުރާ އެންޓި-ކޮރަޕްޝަން އިންވެސްޓިގޭޝަންގެ އެކްރެޑިޓަޑް ޑިޕްލޮމާ ކޯސް ކައިރި މުސްތަޤުބަލެއްގައި ފެށުމަށް ރޭވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ތަހުގީގުތައް އަވަސްކުރުމަށާއި ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ޑިޖިޓަލައިޒޭޝަން އަދި އޮޓޮމޭޝަންގެ ބޭނުން ހިފުމަށް ކޮމިޝަނުން އިސްކަންދިނުމާއި ތަހުގީގުތައް ލަސްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި މައްސަލަތައް ނިންމުމަށް ބާރުއެޅުމަށްޓަކައި ގަވާއިދުތަކަށް ބަދަލުތައް ގެންނަމުންދާކަންވެސް ހާމަކުރެއްވިއެވެ. އަދި މި ޕްލޭންގެ މަސައްކަތް ފެށުމާއިއެކު މި މަސައްކަތްތަކަށް އެދެވޭފަދަ ބަދަލެއް އަންނާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމިޝަނުގެ ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މުއައްސަސާގެ ގާބިލްކަން އިތުރުކޮށް، ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށާއި، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮމިޝަނުންކުރާމަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.