...

ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް ރިޝްވަތަށް އެދުނު މައްސަލަ ޕީޖީ އޮފީހަށް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 08 އޮކްޓޫބަރު 2025ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް، މުޢާޛު ޢަލީ (ހ. ނިއުހެޕިނަސް، މާލެ)ގެ މައްޗަށެވެ.

2018ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއަރހައުސްއިން ދޫކޮށްފައިވީނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައިނުވާތީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަމުންދިޔަ މައްސަލަ، އެ ކުންފުންޏަށް ފަހިވާގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުޢާޛު ޢަލީ ރިޝްވަތަށް އެދިފައިވާކަން ތަޙުޤީޤުން ހޯދިފައިވެއެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 510ވަނަ މާއްދާގެ (ހ)ގެ ދަށުން އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާއެވެ.