...

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ދައުލަތުގެ މުވައްސަސާތަކުގެ ގިނަ އަދަދެއްގެ ބައިވެރިންނާއިއެކު ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަށައިފިއެވެ.

މިއީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ކޮމިޝަނުގެ އެންޓި-ކޮރަޕްޝަން އެކެޑެމީއިން އިސްނަގައިގެން ކޮރަޕްޝަންގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ދައުލަތުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ފަށާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ފާހަގަކުރައްވާފައިވާ ގޮތުގައި އެންޓި-ކޮރަޕްޝަން ދާއިރާގެ ޢިލްމާ ފަންނުވެރިކަމަށް ދައުލަތުގެ މުވައްޒަފުން އަހުލުވެރިކުރުމުގެ މުހިންމުކަމެކެވެ. އަދި ބޭރުގެ އެހެން އެންޓި-ކޮރަޕްޝަން އެޖެންސީތަކާ ގުޅިގެން މި ފަންނުގެ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް ކޮމިޝަނުން މަސައްކަތްކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ޖުމްލަ 13 އިދާރާއަކުން 40 ބައިވެރިންނާއެކު ފެށި މި ތަމްރީން ޕްރޮގްރާމްގައި 7 ސެޝަން ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަތުމާއި، ކޮރަޕްޝަން ވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ހަރަކާތްތަކާއި އެންޓި-ކޮރަޕްޝަން ކޮމްޕްލަޔަންސް، ކޮރަޕްޝަން ނައްތައިލުމަށް އެކަށައަޅާފައިވާ ޤާނޫނީ އޮނިގަނޑާއި، ކޮރަޕްޝަން ނައްތައިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ސުލޫކީ އަދި އިސްލާމީ އަގުކުރުންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެވިގެން ދާނެއެވެ.